ނިމިގެން ދިޔަ އިންތިހާބުތަކުގައި ވޯޓު ގަތުމަށްޓަކައި، އިދިކޮޅު އެމްޑީޕީން 60 މިލިއަން ރުފިޔާ ބެހި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީން އެހާ ބޮޑު އަދަދެއްގެ ފައިސާ ހޯދި ގޮތް ބުނެދޭން އެ ޕާޓީއަށް ނުކެރޭނެ ކަމަށެވެ.
އަދި ވޯޓު ގަތުމަށްޓަކައި އިންތިހާބުގެ ރޭ އެމްޑީޕީން ގިނަ އަދަދެއްގެ ފައިސާ ބެހި ނަމަވެސް، އިންތިހާބުގެ ނަތީޖާ ނުކުތީ އެމްޑީޕީން އުންމީދުކުރި ގޮތަކަށް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ފައިސާ ލިބުނު މަސްދަރެއް ހާމަކުރުމަށް އެމްޑީޕީގެ ލީޑަޝިޕަށް ގޮވާލައްވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީން އަމިއްލައަށް ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަށްފަހު، އެ ތުހުމަތުތައް އަޅުވަނީ ސަރުކާރުގެ ބޮލުގައި ކަމަށެވެ. ފަލާހުގެ މި ވާހަކަތަކާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން މަސައްކަތް ކުރެއްވި ނަމަވެސް، ރިޔާސަތުން އެ ފުރުސަތެއް ނުދެއްވައެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ވަޒަންކުރަން ނެގި ވޯޓެއް ނޫން ކަމަށާއި، މި ރެފަރެންޑަމަކީ ހަމައެކަނި އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ކުރިއަށްގެންދިޔަ ނިޒާމީ ކަމެއް ކަމަށެވެ. އެމްޑީޕީން އުޅެނީ މިކަންވެސް އޮޅުވާލަން ކަމަށް ފަލާހު ވިދާޅުވިއެވެ.
ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، 78 ރަށެއްގެ އަގުލަބިއްޔަތު ސަރުކާރު ހިންގާ ޕީއެންސީން ހޯދާފައިވާއިރު، އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 68 ރަށެއްގެ މެޖޯރިޓީއެވެ.



