މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤައުމުތައް ގުޅިގެން ރިޒަރވެއް ޤާއިމުކުރަން ރަޝިޔާއިން ބްރިކްސްގެ ޤައުމުތަކަށް ގޮވާލައިފިއެވެ.
މިދިޔަ ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، އީރާނުން ވަނީ ރައްދުގައި ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
ދަނޑުވެރިކަމުގައި ބޭނުންކުރާ ގަސްކާނާގެ ތިން ބައި ކުޅަ އެއްބައި ދުނިޔޭގެ ބާޒާރަށް އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށް ކަމަށްވުމާއެކު، މިއީ ކާބޯތަކެތި އުފެއްދުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ރަޝިޔާއިން ފާހަގަކުރެއެވެ.
ދުނިޔޭގައި އެންމެ ގިނައިން ގޮދަން އުފައްދާ ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީގެ ނައިބު އެލެކްޒާންޑަރ މެސްލެނިކޯވް ވިދާޅުވީ، މި އަހަރުގެ ހޫނު މޫސުމާ ހަމައަށް ގަސްކާނާގެ ސަޕްލައިގެ ތާށިކަން ޙައްލުނުވެއްޖެނަމަ، ދުނިޔޭގެ ކާބޯތަކެތި އުފެއްދުމުގެ ޤާބިލުކަން ގާތްގަނޑަކަށް ދެ ބައި ކުޅަ އެއްބައި ދަށްވާނެ ކަމަށެވެ. މިކަމަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ދުރާލައި ތައްޔާރުވާންޖެހޭ ކަމަށް މެސްލެނިކޯވް ވިދާޅުވިއެވެ.
މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި، 11 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ ބްރިކްސް އިއްތިޙާދުން ގުޅިގެން ކާބޯތަކެތީގެ ރިޒަރވެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ރަޝިޔާއިން ވަނީ ހުށަހަޅާފައެވެ.
ބްރިކްސް އިއްތިޙާދުގައި ރަޝިޔާގެ އިތުރުން އިންޑިއާ، ޗައިނާ އަދި އީރާނު ފަދަ ޤައުމުތައް ހިމެނެއެވެ.




