ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސް އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ރޭވުމުގައި ނޭޓޯގެ ޤައުމުތަކުން ބައިވެރި ނުވާނެ ކަމަށް އެ ޖަމާއަތުގެ މެންބަރު ޤައުމުތަކުން ހާމަކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ދުނިޔޭގެ ތެލާއި ގޭސް އުފުލާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސްއަޅާފައެވެ.
މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ނަމަވެސް، ދެ ހަފްތާގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކާއެކު އީރާނުން ކުރިން ލުއިތަކެއް ދިން ނަމަވެސް، ލުބުނާނަށް ދެވުނު ހަމަލާތަކާ ގުޅިގެން އީރާނުން މިހާރު ވަނީ އަނެއްކާވެސް އެ ސަރަހައްދުގެ ދަތުރުފަތުރަށް ދަތިތަކެއް ކުރިމަތިކުރުވާފައެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެހެން ގައުމުތަކާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރު ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި، އޭޕްރިލް މަހުގެ 13 ވަނަ ދުވަހުގެ ޖީއެމްޓީ ގަޑިން 2 ޖަހާއިރުގެ ފަހުން އީރާނުން ފުރާ އަދި އެ ގައުމަށް ދަތުރުކުރާ އެއްވެސް އުޅަނދަކަށް އެ ކަނޑުއޮޅި ހުރަސްނުކުރެވޭނެއެވެ.
މި ނިންމުން އިއުލާންކުރީ އީރާނާއެކު ކުރެވުނު ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ.
އެމެރިކާގެ މި ރޭވުމުގައި ބައިވެރިވުމަށް ޓްރަމްޕް އެދިވަޑައިގަތް ނަމަވެސް، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ހިމެނޭހެން ނޭޓޯގެ ގައުމުތަކުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އެ ގައުމުތަކުން ބުނެފައިވަނީ އިތުރު ހަމަނުޖެހުމެއްގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށާއި، ނޭޓޯއިން އެ ސަރަހައްދުގައި ހަރަކާތްތެރިވާނީ މެދުއިރުމަތީގެ ހަމަނުޖެހުންތައް ހަމައަކަށް އެޅުމުން ކަމަށެވެ.
ނަމަވެސް، ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކުރުމަށް ޑިޕްލޮމެޓިކް ގޮތުން މަސައްކަތް ކުރާނެ ކަމަށް އެ ގައުމުތަކުން ބުނެއެވެ.
މީގެ ކުރިންވެސް ޓްރަމްޕް ވަނީ ނޭޓޯއިން އެމެރިކާ ވަކިކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އީރާނަށް ހަމަލާދިނުމަށް ވިލާތުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭނަމަ، ވިލާތުގައި ތިބި އެމެރިކާ ސިފައިން ބާލާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.




