ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ގ.ލިފަދޫ / މުޙައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޢުޒިޔާ ދަންނަވައިފިއެވެ.
ރާމިޒުއަކީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރެއްވި ރާމިޒް، އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.
މުޙައްމަދު ރާމިޒް އަވަހާރަވެފައިވަނީ އުމުރުފުޅުން 74 އަހަރުގައެވެ. މައްޔިތާގެ ޖަނާޒާ އޮންނާނީ މިއަދު އަޞުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް މުޙައްމަދު ރާމިޒް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ



