ޤައުމީ ކުތުބުޚާނާގެ ގޮފިތަކެއް އަތޮޅުތަކުގައި ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން 6 ރަށެއްގައި ކުތުބުޚާނާ ޤާއިމްކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ކަލްޗުރަލް އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ފުވައްމުލައް އަދި އައްޑޫ ސިޓީގައި ޤާއިމުކުރާ ކުތުބުޚާނާގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.
ރައީސް އޮފީހުގައި މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު ހީނާ ވިދާޅުވީ، ޤައުމީ ކުތުބުޚާނާއިން އެންމެ އިސްކަމެއްދީގެން މިހާރު ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ސިޓީތަކުގައި ޒަމާނީ ލައިބްރަރީތަކެއް ޤާއިމްކޮށް، އުނގެނުމާއި ދިރާސާކުރުމުގެ ޝައުގުވެރިކަން ޒުވާން ޖީލުތަކުގައި އަށަގެންނެވުން ކަމަށެވެ.
އެކަމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށެއްގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމްކުރުމުގެ މަސައްކަތް ހިމެނޭކަން ވަޒީރު ހީނާ ވަލީދު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިޓީތަކުގައި ޒަމާނީ ލައިބްރަރީތައް ޤާއިމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ޤައުމީ ކުތުބުޚާނާގެ ގޮތްޕެއް އިމާރާތްކުރުމަށްޓަކައި ބިންގާ އެޅި މަސައްކަތް ކުރިއަށްދާކަމަށެވެ.



