ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް އިއްޔެ ވަޑައިގެންފިއެވެ.
ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ އިއްޔެ ކުރިއަށް ދިޔަ 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ރައީސް ޞާލިހު ވެސް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި ކަމަށް ހާމަކުރެއްވިނަމަވެސް، އެ ދަތުރުފުޅުގެ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.
އިންޑިއާގެ ކަނޑުގެ ގައުމުތަކުގެ މަންދޫން ބައިވެރިވި ބައްދަލުވުމުގައި ނަޝީދު ތަގުރީރު ވެސް ކުރައްވާފައިވެ އެވެ. އެ ދަތުރުފުޅަށްފަހު އެމަނިކުފާނު މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ކެމްޕެއިންގައި އުޅުއްވަމުންނެވެ. ޗެއާޕާސަން ކަމަށް ނަޝީދު ވާދަކުރައްވާއިރު، އެމްޑީޕީގެ ދެ ފެކްޝަން މެދުގައި އޮތް ވާދަވެރިކަން ވެސް ވަނީ ބޮޑުވެފަ އެވެ.
ޗެއާާޕާސަންގެ އިންތިހާބުގައި ތާއިދު ކުރައްވާ ބޭފުޅެއް ރައީސް ޞާލިހު ހާމަކޮށްފައިނުވީ ނަމަވެސް، އެމަނިކުފާނުގެ މުޅި ޓީމު އޮތީ ދެން އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ފަހަތުގައެވެ.



