ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބައިނަލްއަގްވާމީ މާލީ ބާޒާރުތަކުން ފަންޑް ހޯދުމަށް ކުރާ މަސައްކަތްތަކާ ދައުލަތާ ގުޅުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ ’ނޮން-ޑީލް ރޯޑްޝޯ’އަށް އިޝާރާތް ކުރައްވައި ޒަމީރު ވިދާޅުވީ އެއީ އެ ބޭންކުގެ ކުރިއެރުން ދެމެހެއްޓުމަށާއި، ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ ކުރިއަށް އޮތް މަރުހަލާއަށް ޓަކައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން އެއީ ވިޔަފާރިތަކަށާއި ސިނާއަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކުން އަދާކުރާ ދައުރު ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު ސްޓެރެޓެޖިކް މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”މިއީ ދައުލަތުން ދަރަންޏަށް ފައިސާ ހޯދުމަށް ހިންގާ ހަރަކާތެއް ނޫން. މިއީ ބޭންކަކީ ރާއްޖޭގެ އިގްތިސާދަށް ނުހަނު މުހިންމު އަދި ހަރުދަނާ މުއައްސަސާއެއްކަމަށް ވީ ހިނދު ސަރުކާރުގެ ފުރިހަމަ އިތުބާރާއެކު، ބޭންކް އޮފް މޯލްޑިވްސްގެ ރައުސްމާލު އިތުރުކުރުމަށް އެ ބޭންކުން ކުރާ މަސައްކަތެއް،“ މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ބީއެމްއެލްގެ ”ނޮން-ޑީލް ރޯޑްޝޯ“ ބާއްވައިފައިވަނީ މިދިޔަ މަހުގެ 29އިން އިއްޔެގެ ނިޔަލަށެވެ. އެ ބައްދަލުވުންތައް ބާއްވާފައިވަނީ ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގައެވެ.



