ކުޑަކުދިންނަށް އެކުދިންގެ އުމުރާއި ގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ދިނުމަކީ، ޤައުމީ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން މިދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި ދިވެހި ކުޑަކުދިންނަށާއި ޢާއިލާތަކަށް އަރިސްކުރައްވަމުން ރައީސްގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ، ހެދިބޮޑުވަމުން އަންނަ ވަރަކަށް އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް ކަމަށެވެ.
”ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން. ޒިންމާދާރު ބަޔެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ޤާބިލްކަން ހޯދައިދިނުން. އެއްވެސް ކުޑަކުއްޖެއްގެ މަޢުޞޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި ޢަމަލަކަށްވެސް ޖާގަ ނުދިނުން.“ ރައީސް ވިދާޅުވެފައިވެއެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހުގައެވެ.




