އާއިލާ ދިރިއުޅޭ ތަނެއްގައި ދާއިމީކޮށް ސިފައިންނަށް ވަޒީފާ އަދާކުރެވޭ ގޮތް ހަދައިދޭން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އާއިލާތަކާ ކައިރިން ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ސިފައިންނަށް ފަހިވުމަކީ، އެ މީހެއްގެ ނަފްސާއި ކުރާ މަސައްކަތަށް ވެސް ބޮޑެތި ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
އެ އިންތިޒާމު ހަމަޖެއްސުމަށް ސިފައިންގެ ފައުޖު ބޮޑުކުރަންޖެހޭތީ، ސިފައިންގެ ހިދުމަތަށް ބޭނުންވާ ޒުވާނުން އިތުރަށް ނަގަން ބަޖެޓު ވެސް ވާނީ ހަމަޖައްސާފައި ކަމަށް ރައީސް ވިދާޅުވި އެވެ.
”ކޮންމެ ސިފައިންގެ މީހަކު ދިރިއުޅޭ ސަރަހައްދަކީ ކޮބައިތޯ ބަލައި، އެ ސަރަހައްދެއް ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުސަތު ގާއިމުކޮށްދޭން އަޅުގަނޑު ގަސްތު ކުރަން،“ އެމަނިކުފާނު ވިދާޅުވިއެވެ.



