ހިކުމަތްތެރިކަމާއެކު ކަންކަން ދަސްކޮށްދީ ހެޔޮ ނަމޫނާ ދެއްކުމަކީ ކުއްޖެއްގެ މުސްތަގުބަލަށްޓަކައި ކުރެވޭ އެންމެ އަގުބޮޑު އިންވެސްޓްމަންޓް ކަމަށް އެޑިއުކޭޝަން އެންޑް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅުވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ކުއްޖަކު ހެދިބޮޑުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެ ކުއްޖަކު އުޅޭ މާހައުލުން ކަމަށާއި ހިތްހަމަޖެހުމާއި ތަރުހީބާއި އަދި ރައްކާތެރިކަން ލިބޭ ހިތްފަސޭހަ މާހައުލެއްގައި ބޮޑުވާ ކުއްޖަކީ ދިރިއުޅުމުގެ ގޮންޖެހުންތަކަށް ކުރިމަތިލާން ކެރޭ، ހިކުމަތްތެރި މީހަކަށް ވާނެ ކަމަށެވެ.
”އަޅުގަނޑުމެންގެ ޒިންމާއަކީ އެ ކުދިންގެ ސިކުނޑިތައް އިލްމުން މުއްސަނދިކުރުމުގެ އިތުރުން، އެ ކުދިންގެ ހިތްތައް ހިތްހަމަޖެހުމާއި އަމާންކަމުން ފުރާލަދިނުން. ހިކުމަތްތެރިކަމާއެކު ކަންކަން ދަސްކޮށްދީ ހެޔޮ ނަމޫނާ ދެއްކުމަކީ ކުއްޖާގެ މުސްތަގުބަލަށްޓަކައި ކުރެވޭ އެންމެ އަގު ބޮޑު އިންވެސްޓްމަންޓް“ މިނިސްޓަރު ޝަފީއު ލިޔުއްވާފައިވެއެވެ.
ކޮންމެ ކުއްޖަކީވެސް މުޖުތަމައުގައި އަގުވަޒަންކުރެވޭ، ރައްކާތެރިކަން ލިބިގެންވާ، އަދި އުފާވެރިކަމާ އެކު ހެދިބޮޑުވާ ކުއްޖަކަށް ހެދުމަށް މިއަދު އަޒުމު އާކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދު އެ ކުދިންނަށް ދައްކާ ނަމޫނާއަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ”މާދަމާގެ ދިވެހި ގައުމުގެ އުޖާލާ ތަަސްވީރު“ އެވެ.



