ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ދެ މީހެއް ކަމަށްވާ އަލް ނޫމާން އާއި ރަކީބުލް ހަސަން ޕަޕޫނެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހުކުރު ދުވަހު ކަމަށެވެ.
ހުޅުމާލެ 1 ގައި ހިންގި އޮޕަރޭޝަނުގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ފާސްކުރިއިރު 14 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަލް ނޫމާން ފަސް ދުވަހަށް އަދި ރަކީބުލް ހަސަން ޕަޕޫން 10 ދުވަހަށް ބަންދުކުރުމަށް އަމުުރު ކޮށްފައިވާ ކަމަށެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި އަލް ނޫމާންގެ ކުޑަކަމުދާތަކެތި މަސްތުވާ ބާވަތަކަށް ޕޮޒިޓިވް ވެފައި ނުވާއިރު، އެކަމުގައި އޭނާގެ ބައިވެރިވުން ކުޑަ ކަމަށް ވެސް ބެލެވެ އެވެ. އަދި އޭނާގެ ސްޕޮންސަރެއްގެ ބަހެއް ލިބުމުން، އޭނާއަކީ ގަވާއިދާ އެއްގޮތަށް އޭނާ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވޯކްސައިޓުގައި މަސައްކަތް ކުރާ މީހެއްނަމަ، ބަންދަށް ލުޔެއް ދެވިދާނެ ކަމަށް ބަންދު އަމުރުގައިވެ އެވެ.
ނަމަވެސް، އެ މައްސަލާގައި ތުހުމަތުވާ ދެވަނަ މީހާ ކަމަށްވާ ރަކީބުލް ހަސަން ޕަޕޫންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްސީ (ކެނަބިސް)އަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި އޭނާއާ އެކު މިކަމުގައި އިތުރު މީހަކު ބައިވެރިވާ ކަމަށް ބެލެވޭ ކަމަށް ބަންދު އަމުރުގައިވެއެވެ.



