ރޭ ކުރި ވިއްސާރައިގައި އަމާން ދޯދި ފްލެޓުތަކަށް ވަރަށް ބޮޑަށް ފެން ވަނުމުން އެތަންތަނުގައި ދިރިއުޅޭ މީހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރޭ މާލެ ސަރަހައްދަށް ހުއްޓާނުލާ ގިނައިރުތަކެއް ވަންދެން ބޯކޮށް ވިއްސާރަކުރި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު)ން ބުނި ގޮތުގައި، މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުން ދޭތެރެ ދޭތެރެއިން މި ފަދަ ކެރިގަނޑުތައް އައުން އެކަށީގެންވެއެވެ.
ރޭކުރި ވިއްސާރައިގައި އަމާން ދޯދި ޓަވަރުތަކަށް ފެންވަދެ ޓަވަރުތަކުގެ ކޮރިޑޯ އާއި ބައެއް ފްލެޓުތަކުގައި ވެސް ފެންބޮޑުވެފައިވާ މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރޭ ހަތަރުދަމު ނުނިދާ އުޅެންޖެހުނީ ފެން ހިއްކުމުގަ ކަމަށް ބުނެ ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކުރިއެވެ.
”ރޭގައި ނުނިދާ އުޅެން ޖެހުނީ ފެން ވަންނަވަރުން. ގުޅަންދީފާ އިންނަ ނަންބަރުން ފޯނެއް ވެސް ނުނަގާ. ވިއްސާރަ ވެއްޖެއްޔާ ވަރަށް ހާލުގައި އުޅެންޖެހެނީ،“ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ލިޔެފައިވެއެވެ.
ބައެއް މީހުން ބުނި ގޮތުގައި، ވާރޭކޮޅެއް ވެހިލާއިރަށް އެތަނަށް ފެންވަނަނީ، އިމާރާތުގައި ބަންދުކުރަންޖެހޭ ބައެއް ތަންތަން ބަންދުނުކޮށް ހުންނާތީ އެވެ. ކުޑަދޮރުތައް ބަންދުކޮށްފައި ހުންނައިރު ވެސް ފެން ވަންނަކަމުގެ ޝަކުވާ ބައެއް މީހުން ކުރި އެވެ. އެއީ އެކަމަށް އެންމެ އެކަށީގެންވާ ގޮތަށް ހަދާފައި ހުރި ކުޑަދޮރުތަކެއް ނޫންކަން ވެސް ބައެެއް މީހުން ފާހަގަކުރިއެވެ.



