އަދަދު ނޫހުން ދެއްކި ކޮންޓެންޓަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް، ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް ސިއްރު ކުރަން ހައިކޯޓުން ނިންމައިފިއެވެ.
އަދަދު ނޫހުގެ އެޑިޓަރު ހުސެއިން ފިޔާޒް މޫސާގެ ފަރާތުން އިސްތިއުނާފު ކުރި މި މައްސަލަ، ހޯމަ ދުވަހު ހެނދުނު ފަށަން ތާވަލުކޮށްފައިވާއިރު، މި މައްސަލަ ސިއްރު ކުރަން ނިންމި ސަބަބެއް ހައިކޯޓަކުން ނުބުނެއެވެ. މި މައްސަލަ ދަށު ކޯޓުގައިވެސް ކުރިއަށް ދިޔައީ އާއްމުކޮށް ހުޅުވައި ނުލައެވެ.
ހައިކޯޓުގައި މި މައްސަލަ ސިއްރުން ކުރިއަށް ގެންދަން ނިންމިއިރު، އާއްމުކޮށް، އާއްމުންގެ މެދުގައި ބޮޑު ޝައުގެއް އުފެދިފައި އޮންނަ ބާވަތްތަކުގެ މައްސަލަތައް ހައިކޯޓުން ކުރިއަށް ގެންދަނީ ލައިވްކޮށެވެ. އެކަމަކު މި ކޭސް ސިއްރު ކުރަން ނިންމި ސަބަބެއް ހައިކޯޓަކުން ނުބުނެވެ. މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އަބްދުއްރައޫފު އިބްރާހީމާއި ހުސެއިން މަޒީދާއި ފާތިމަތު ފަރުހީޒާއެވެ.
މި މައްސަލައާ ގުޅިގެން ނެރުނު އަމުރުގައި ވަނީ ވަކި ކޮންޓެންޓެއް މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި، ޝަރީއަތަށް ހުށަހެޅިފައިވާ އެ މައްސަލައާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެ މީހަކަށްމެ އެމީހެއްގެ މައްޗަށް ކުރެވޭ ދައުވާތަކާއި، ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމުގެ ހައްގު ލިބިގެންވެއެވެ. ނަމަވެސް، ވަކި ހާލަތްތަކެއްގައި ޝަރީއަތް ސިއްރުކުރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ.




