އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ) އަކީ މާލެ ރައްޔިތުން ގުނބޯ ހައްދައިގެން އަވާމެންދުރު ދައްކައިގެން އުޅޭ ބައެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
މެންބަރު އައިފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން މިއަދު މަޖިލިސް ތަޅުމުގައި ބަހުސްކުރައްވަމުންނެވެ. އެ އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެގޮތުން އައިފާނު ވިދާޅުވީ، އެމްޑީޕީއަކީ މާލޭގެ ރައްޔިތުންނަށް އޮތް ބޮޑު މުސީބާތެއް ކަމަށާއި މާލޭގެ ރައްޔިތުން އެމްޑީޕީއާ މެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ. އަދި އެމްޑީޕީއެއް ދުވަހަކުވެސް މާލޭ ރައްޔިތުންނަކަށް ހެވެއް ނޭދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”މާލެ ރައްޔިތުންނަށް ހެޔޮ އެދިގެން ކަމެއް ކޮށްދެން އުޅުނު ބައެއް ނޫން އެއީ މާލެ ރައްޔިތުންނަށް ޖެއްސި މުސީބާތް، އެމްޑީޕީ އަކީ ދުވަހަކުވެސް މާލެ ރައްޔިތުންނަށް ހެޔޮ އެދޭނެ ބައެއް ނޫން“ މެންބަރު އައިފާން ވިދާޅުވިއެވެ.
މާލެ ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި ކަނޑުންނާއި ފަޅުން ގޯތި ދޫކުރި ބަޔަކީވެސް އެމްޑީޕީ ކަމަށް ވިދާޅުވެ އައިފާން ވަނީ ނުރުހުންފާޅު ކުރައްވާފައެވެ.
މެންބަރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ހުޅުމާލޭގެ ފޭސް 3ގައި ގޯތި ދީފައިވަނީ ކަނޑުގެ 10 މީޓަރު އަޑިން ކަމަށެވެ. އެހެންނަމަވެސް، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ތަސައްވަރު ފުއްދައިދިނީ މިހާރުގެ ރައީސް ޑރ. މުއިއްޒު ކަމަށް މެމްބަރު ވިދާޅުވިއެވެ.
އެގޮތުން 3 ބުރީގެ އިމާރާތެއްގެ އުސްމިނަށް ބިން ހިއްކާ މާލެ ރައްޔިތުންނަށް ގޯތި ދިނީ މިސަރުކާރުން ކަމަށް މެންބަރު ވިދާޅުވިއެވެ.
މީގެ އިތުރުން ގުޅީފަޅާއި، ގިރާވަރު ފަޅު ހިއްކައި ގޯތި ދިނީވެސް މި ސަރުކާރުން ކަމަށް މެމްބަރު ވިދާޅުވިއެވެ. އެ ހަގީގަތް ދުވަހަކުވެސް ބަދަލެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ އޭނާ ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އައިފާން ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވާ ދެއްވާނީ މި ސަރުކާރުން ކަމަށެވެ.




