ފްރާންސްގެ ތޮމްބްލެއިންގައި އިއްޔެ މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް އެމަނުއެލް މެކްރޯން އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި ވަނީ، މަތިންދާބޯޓުން ދަތުރުކުރި ހުރިހާ ފަޅުވެރިންނާއި ފަސިންޖަރުންގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގެ ޚަބަރު އަޑުއެއްސެވީ، ފުން ހިތާމައާ އެކުގައިކަން ހާމަކުރައްވާފައެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ވަނީ، އެ ޤައުމުގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި އަދި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފައެވެ.
މީގެ އިތުރުން، ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ކުރިއަށްގެންދާ ތަޙުޤީޤުގައި ކާމިޔާބީ މިންވަރުކުރެއްވުމަށް، އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.


