މެދުއިރުމަތީގެ ހަނގުރާމައާ ހެދި ރާއްޖޭގެ ޓޫރިޒަމަށް މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ބޮޑު ގެއްލުމެއް ވިޔަސް އަހަރު ނިމޭ އިރު، އެ އިންޑަސްޓްރީ މިދިޔަ އަހަރަށް ވުރެ ދަށް ނުވާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ މިއަހަރުގެ މާޗް މަހާއި އޭޕްރިލް މަހު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު އަސަރެއް ކުރިކަމަށާއި އެއީ ރާއްޖޭގެ ޓޫރިޒަމަކީ މެދުއިރުމަތީގެ އެއާލައިންތަކަށް ވަރަށް ބޮޑަށް ބަރޯސާވާ އިންޑަސްޓްރީއަކަަށް ވާތީ ކަމަށެވެ. އެ ދެ މަސްދުވަހު ރާއްޖޭގެ ޓޫރިޒަމަށް 24 ނުވަތަ 25 ޕަސެންޓްގެ ދަށްވުމެއް އައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމުގެ ގެއްލުން ކުޑަކުރަން އެއާލައިންތަކަށް ހާއްސަ އެހީތެރިކަމެއް ދީގެން، ސަރުކާރާއި އިންޑަސްޓްރީ ގުޅިގެން ކުރި މަސައްކަތުން މި މަހު ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެވެ.
”ތިން މަސްދުވަހު މިފަދަ ގެއްލުމެއް ވިޔަސް އަޅުގަނޑުމެންގެ މިހާރު ޕްރޮޖެކްޝަންސް އަކީ އަދި މިކުރެވޭ މަސައްކަތަކީ މި އަހަރު ނިމޭ އިރުގައި، އެއީ ތާޑް ކުއާޓާ ނުވަތަ ފޯތު ކުއާޓާ ނިމިގެންދާއިރު އިރާދަކުރެއްވިއްޔާ މިދިޔަ އަހަރަށް ވުރެން ދަށް ނުވުން. އެއީ އެފަދަ ބޮޑު ޑިކްލައިނެއް ތިން މަސްދުވަހު ވީމާ އެބައި ހިމަނައިގެން މިދިޔަ އަހަރަށް ވުރެން ދަށް ނުވެއްޖެއްޔާ އެއީ ދިވެހިރާއްޖެއަށް ހޯދޭ ވަރަށް ބޮޑު ކާމިޔާބީއެއް،“ މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ކާމިޔާބު އަހަރު ކަމަށާއި މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ، ފެބްރުއަރީގައި ބޮޑު ކުރިއެރުމެއް ލިބިފައި އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ހަނގުރާމައިގެ ގެއްލުން ބޮޑުވީ ރާއްޖޭގެ ޓޫރިޒަމް މެދުއިރުމައްޗަށް ވަރަށް ބޮޑަށް ބިނާވެފައި އޮންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.



