ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަންގެ ކަރަށް ހަމަލާދީ، މަރާލި މައްސަލާގައި ދައުވާ ލިބުނު އަދުހަމް މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމް ހައި ކޯޓުން ވެސް މިއަދު ދަމަހައްޓައިފިއެވެ.
ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް ޑިސެމްބަރު، 2019 ގައި ގާސިމްގެ ކަރަށް އަދުހަމް ވަޅިއަކުން ހަމަލާދީ މަރާލީ އެ ޓެކްސީގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. އެ މައްސަލާގައި އަދުހަމް މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2023 ވަނަ އަހަރުއެވެ.
އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ހިންގުމަށް ފަހު މިއަދު އިއްވި ހުކުމްގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައިވަނީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
އެ މައްސަލާގައި ގާސިމް މަރާލި ކަމަށް އަދުހަމް ތަހުގީގު މަރުހަލާގައި އިއުތިރާފުވެ، ދައުލަތާ އެކު އެއްބަސްވުމެއް ހެދި ނަމަވެސް، ދަށު ކޯޓުގައި ފަހުން އެ ދައުވާއަށް އިންކާރުކުރިއެވެ. އަދި އޭނާ އޭރު ބުނެފައިވާ ގޮތުން އޭނާ ކުށަށް އިއުތިރާފުވެފައިވަނީ މަސްތުގެ ހާލަތުގައި ކަމަށާއި އަދި ފުލުހުން އޭނާއަށް މަސްތުވާތަކެތި ދިން ކަމަށް ވެސް އޭނާ ތުހުމަތު ކޮށްފައިވެއެވެ. ނަމަވެސް، އެކަން ސާފުކުރަން ޝަރީއަތުން ކުރި މަސައްކަތުން އެއީ ހަގީގަތް ނޫންކަން އެނގޭ ކަން ހުކުމްގައިވެއެވެ.
އަދުހަމް ބުނެފައިވާ ގޮތުން ފޭރެން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރުގައި ވަޅި ޖެއްސުމާ އެކު އޭނާ ތެޅިގަތުމުން ވަޅި ކަރަށް ހެރުނީ އެވެ. ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރު ދީބާނާޒް ފަހުމީ ހުކުމް އިއްވަވަމުން ވިދާޅުވީ ގާސިމްގެ ކަރަށް ވަޅި ހެރިފައިހުރި ފުންމިނާއި ލިބިފައިވާ ޒަހަމުން އެއީ ގަސްތުގައި ކަރަށް ވަޅި ހެރުމުން ލިބިފައިވާ ޒަހަމް ކަމަށް ބެލެވޭ ކަމަށެވެ.
އެކަމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން، އަނިޔާއެއް ދެވޭ ވަރުގެ ވަޅިއެއް ހޯދައި، ދުވަސްވީ މީހަކު އަތުން ފޭރެން ފަސޭހަވާނެތީ އެފަދަ މީހަކަށް ހަމަލާދޭން އަދުހަމް ތައްޔާރުވި ކަމަށް ހުކުމްގައިވެ އެވެ. އެހެންކަމުން އެ ކުށް ކުރުމަށް އަދުހަމްގެ ނިޔަތާއި ވިސްނުމާއި ރޭވުންތެރިކަން އޮތް ކަމަށް ވެސް ހުކުމްގައިވެއެވެ.



