މިދިޔަ ހަފުތާގައި އިތުރު 44 މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ން މިއަދު ބުނެފި އެވެ. އެއާ އެކު، ރާއްޖޭގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 66 އަށް އަރާފައެވެ.
މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލި އަލުން ފެންނަން ފެށީ މިދިޔަ މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
އެޗްޕީއޭން ބުނީ ހިމަބިހީގެ 44 ކޭސް ވެސް ފެނުނީ މާލެ ސަރަހައްދުން ކަމަށެވެ.
ހިމަބިހި އަލުން ފެތުރެން ފަށާފައިވާތީ ބަލިން ރައްކާތެރިވުމަށް 18 އަހަރުން ދަށުގެ ކުދިންނަށާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދޭން ވަނީ ފަށައިފަ އެވެ.
އެޗްޕީއޭން ބުނީ ވެކްސިން ޕްރޮގްރާމު ކުރިއަށް ގެންދާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭނީ މާފަންނުގައި ހުންނަ އާބަން ހެލްތު ކެއާ ކްލިނިކުގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުންނެވެ.
އަތޮޅު ތެރޭގައި ވެކްސިން ޖެހުމުގެ ހިދުމަތް ދޭނެ ވަގުތާއި ތާރީހު އާންކުރާނީ އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުންނެވެ.
ހިމަބިހީގެ އަލާމާތްތައް:
° ހުން އައުން
° ރޯގާ ޖެހުން
° ކެއްސުން
° ލޯ ރަތްވުން
° ހަމުގައި ރަތް ބިހިތަކެއް ނެގުން
ހިމަބިހި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހި އެޅުމުން ވައިގެ ތެރެއަށް ވައިރަސް ފެތުރިގެން ދިޔުމުން ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މީގެ އިތުރުން ވައިރަސްގެ އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަނގައަށް އަތްލެވިއްޖެ ނަމަ ވެސް ބަލީގެ އަސަރު ކުރުމުގެ ފުރުސަތު ވެސް އިތުރުވެއެވެ.




