މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕާ ގުޅުވައިގެން މޯލްޑިވްސް ޕޯސްޓް އޮފީހުގެ އެކްސްޕްރެސް މެއިލް ސާވިސް (އީއެމްއެސް) ގެ ހިދުމަތުން 26 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ޕޯސްޓުން ބުނިގޮތުގައި ވޯލްޑްކަޕް ނިމެންދެން ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި އެ ހިދުމަތް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާ ކޮންމެ ޝިޕްމަންޓަކުން އެ އަދަދަށް ޑިސްކައުންޓް ލިބޭނެއެވެ.
އީއެމްއެސް މެދުވެރިކޮށް 177 ގައުމަކަށް ޕެކޭޖު ފޮނުވެ އެވެ. އަދި އެއީ ޕޯސްޓް އޮފީހުގެ ހުރިހާ އައުޓްލެޓަކުން ވެސް ލިބެން ހުންނާނެ ހިދުމަތެކެވެ. އެ ހިދުމަތަށް އަރާ އަގު ޕޯސްޓް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް ”ޕޯސްޓޭޖް ކަލްކިއުލޭޓަރު“ މެދުވެރިކޮށް ބެލޭނެ އެވެ.
މޯލްޑިވްސް ޕޯސްޓް އޮފީހުގެ ޑިސްކައުންޓް ޕްރޮމޯޝަންގެ އިތުރުން ވޯލްޑްކަޕް މެޗްތަކުގެ ސްކޯ ޕްރިޑިކްޓް ކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ވެސް އެ އޮފީހުގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖު މެދުވެރިކޮށް ވަނީ ހުޅުވާލައިފައެވެ. އަދި ސްކޯ ޕްރިޑިކްޓް ކުރުމުގައި ބައިވެރިވެވޭނީ ކޮންމެ މެޗަކަށް ހާއްސަކޮށްފައިވާ ޕޯސްޓުގެ ކޮމެންޓް ސެކްޝަނުގައި ޕްރިޑިކްޝަންތައް ކޮމެންޓްކޮށްގެންނެވެ.
އެ ހަރަކާތުގައި ބައިވެރިވެ، އެންމެ ގިނަ ސްކޯ ދިމާކުރާ ފަރާތްތަކުގެ ތެރެއިން ސްޓޭޖް އެކަކުން އެންމެ ގިނަ ސްކޯ ދިމާކުރާ ފަރާތަށް ޕޯޗުގަލް ޖާޒީއެއް އަދި ދެވަނަ ސްޓޭޖްގެ އެންމެ ގިނަ ސްކޯ ދިމާކުރާ ފަރާތަކަށް ފްރާންސްގެ ޖާޒީ އަދި މުޅި ވޯލްޑްކަޕުގައި އެންމެ ގިނައިން ސްކޯ ދިމާކުރާ ފަރާތަކަށް ފީފާ ވޯލްކަޕް ހިސްޓްރީ ބޯލްސެޓް އަދި 20 ކިލޯގެ އީއެމްއެސް ވައުޗަރެއް ލިބޭނެއެވެ.



