މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ޑޮލަރުތަކެއް ފޭރިގެން މައްސަލައިގެ ޝަރިއަތް މިއަދު ފަށައިފިއެވެ.
އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ ޓާރމިނަލް އެކެއްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓް ކޭސްއެއް، ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަނެފައިވާ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ހުށަހެޅީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ:
1- ތ. ވިލުފުށި، އެހީވާގެ / އަޙްމަދު މާޙިދު
އަހްމަދު މާހިދުގެ މައްޗަށް ފޭރުމުގެ ކުށުގެ ދައުވާއާއި ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާ އަދި މަޤްބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ.
2- ސ. ހިތަދޫ، ވަށަގުލިމާގެ / ޢަލީ އަފްޒަލް
އަލީ އަފްޒަލްގެ މައްޗަށް ފޭރުމުގެ ކުށުގެ ދަޢުވާ އަދި ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.
3- ގއ. ވިލިނގިލި، ބިނާ / ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު.
އަބްދުލްއައްވަން އަބޫބަކުރުގެ މައްޗަށް ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.
4- ކ. ގުރައިދޫ، އަޅިވިލާގެ / ޙުސައިން ޝަހުދު
5- ލ. މާވައް، ރޭޝަމް / މާޒިން މޫސާ
6- މ. ކޯރަސް / އަޙްމަދު ރައިހާން ނަޢީމް
7- ކ. ގުރައިދޫ، އަޅިވިލާގެ / އިބްރާހީމް އަނޫފް
8- ރ. މަޑުއްވަރި، މީޒާން / އިސްމާޢީލް ސިރްހާން
މި ހަތަރު މީހުންގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އެ ފައިސާ ފޭރިގެންފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 27ގެ 4:15 އެހައިކަށްހައިއިރެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، އެއާޕޯޓުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށްޓަކައި، ގެންދިޔަ ސޫޓް ކޭހުންވަނީ -/4،900 ޔޫރޯއާއި، -/1،735 ޕައުންޑާއި، -/2،610 ސިންގަޕޯ ޑޮލަރާއި، -/1،345 އޮސްޓްރޭލިއަން ޑޮލަރާއި، -/510 ސްވިސް ފްރޭންކާއި، -/1،515 ކެނޭޑިއަން ޑޮލަރާއި، -/334،000 ޖަޕަނީސް ޔެންއާއި، -/10،420 ހޮންގކޮންގް ޑޮލަރާއި، -/106،120 ޔޫއެސް ޑޮލަރާއި، -/23،778 ދިވެހި ރުފިޔާއާއި، -/25،000 އިންޑިއަން ރުޕީސްއާއި، -/600 ޗައިނީސް ޔުއާން، ފޭރިގެންފައެވެ.
އެ ފައިސާ ސޫޓް ކޭހަކަށް އަޅައިގެން ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފަކު އެއާޕޯޓް ޓާމިނަލްގެ ގޭޓް އެކެއްގެ ކުރިމަތީގައި ތިއްބައި، އެ މީހުންނަށް ވަޅިން ބިރުދައްކައި، އެ މީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް ފޭރިގަނެގެން ލޯންޗެއްގައި ފުރައިގެން ދިޔައީ މާލެ އަތޮޅު ހުރާއަށެވެ. ފުލުހުންވަނީ ފަހުން އެ ލޯންޗު ވެސް ހޯދާފައެވެ.
މި އަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދައުވާލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ކުރިން ބުންޏެވެ.




