އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލުމުގެ ކުށުގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އުމުރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން ދިޔަ މޭރީ މަރާލާފައިވަނީ 19 އޮކްޓޫބަރު 2021 އެވެ. މަވީން ބުނެފައިވަނީ މޭރީ އަމިއްލައަށް މަރުވީ ކަމަށެވެ.
އެކަމަކު، ކްރިމިނަލް ކޯޓުން މިދިޔަ މަހު އިއްވި ހުކުމްގައި ބުނެފައިވަނީ މޭރީގެ ހަށިގަނޑުން ދަންޖެހިފައިވާކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށާއި ފެނުނީ ނޭވާ ހާސްކޮށްލަން އުޅެފައިވާ ކަމުގެ ނިޝާނާއި މަރާލުމުގެ ނިޔަތުގައި ގަސްތުގައި އެހެން މީހަކު ކަރާއި ބޮލަށް ދީފައިވާ އަނިޔާތަކެއް ކަމަށެވެ.
މޭރީއަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން މަރާލީ މާވިން އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އައިޖީއެމްއެޗުގެ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާނުކަން ހެކިތަކުން ސާބިތުވެއެވެ.
ދުރާލާ ރާވައިގެން މޭރީ މަރާލީ، ލަމްހާ އާއި މާވިންގެ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ތެރެއިން ކައިވެނިކުރަން ބޭނުންވެ، އެކަމުގެ ހުރަހަކަށް މޭރީ ވުމުން ކަމުގައި ބެލެވެއެވެ.
މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް މިދިޔަ މަހު ކަނޑައެޅި ނަމަވެސް، އަދަބު ކަނޑައެޅުން ފަސްކޮށްދިނީ އޭނާ އެދިގެންނެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން އެެދުނީ، މާވިންގެ ފަރާތުން މައުސޫމް ފުރާނައެއް ގެއްލިގެންދިޔަ އެ އަމަލު ހިންގީ އަމިއްލަ އެދުމެއްގައި އެއްވެސް ރަހުމެއްނެތި ކަމަށް ވުމުން، އަދަބު މަތިކޮށްދިނުމާ އެކު، މި ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބު ކަމަށްވާ 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަށެވެ.
އެގޮތުން، ވަކީލު އައިޝަތު އަޒްލީނާ ވިދާޅުވީ:
° މާވިންއަކީ ދަރިފުޅުގެ ބައްޕަ އަދި މަރުވި މީހާގެ ފިރިމީހާ. ދަރިފުޅުގެ ބައްޕަ ކަމަށްވެ ހުރެ، ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަދަ މަގާމެއްގައި ހުރި މީހެއް
° މީހެއްގެ ފުރާނަ ގެއްލުމުގެ އިތުރުން، މާވިންގެ އެ އަމަލުގެ ސަބަބުން އުފަން ނޫން ފަސްގަނޑުގައި ކުޑަކުއްޖެއްގެ މަންމަ ގެއްލި އެ ކުއްޖާއަށް އިއާދަނުކުރެވޭވަރުގެ ދާއިމީ ބޮޑު ގެއްލުމެއް ލިބިފައިވޭ
° މާވިންއަކީ މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ޒިންމާ ވެސް އޮތް ހޮސްޕިޓަލެއްގައި މަސައްކަތްކުރަމުންދިޔަ މީހަކަށްވެފައި، އެ އަމަލަކީ ސިއްހީ ދާއިރާއަށް ކުރާ އިތުބާރާ މެދު ވެސް ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭނެ އަމަލެއް
° މާވިންއަކީ މީހެއްގެ ފުރާނަަ ދާވަރުގެ އަމަލެއް ހިންގާއިރު، އެ އަމަލުގެ ސަބަބުން ނުކުމެދާނެ ނަތީޖާއާ މެދު ވިސްނާނުލެވޭވަރުގެ ބުއްދި ނެތް މީހެއް ވެސް ނޫން
° މާވިން އެ އަމަލު ހިންގުމުގެ މަގުސަދުގެ ތެރޭގައި އޮތީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހަކާއި ދެ މީހުންގެ ގުޅުން ކުރިއަށް ގެންދިއުމުގެ އަމިއްލަ އެދުން




