މިއަދު ބޭހާއި ކާޑުގެ ބާވަތްތައް ބަރާބަރަށް ލިބި، ގައުމީ ބޭންކު ބީއެމްއެލުން ޑޮލަރު ދޫކުރާ ކަމަށާއި، ރައްޔިތުން މިއަދު ތިބީ ”ހެޕީ“ ކޮށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ، މި ސަރުކާރުން ހުށަހެޅި ގޮތަށް، ސަރުކާރުން ބޮޑުކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން ފާސްކޮށްފައެވެ. ޖަލްސާއަށް ހާޒިރުވި އެމްޑީޕީގެ ފަސް މެންބަރަކު ހިމެނޭހެން، 68 މެންބަރުންގެ އިއްތިފާގުން މިއަދު ވަނީ މި ބިލު ފާސްކޮށްފައެވެ.
ބިލު ދިރާސާކޮށް ކޮމިޓީން ނިންމިގޮތަށް ބަހުސްކުރައްވަމުން ޝުޖާޢު ވިދާޅުވީ، އިދިކޮޅު އެމްޑީޕީއާ ދެ ފަހަރު ވެރިކަން ހަވާލުކުރުމުންވެސް މުޅި ދައުލަތް އެ ޕާޓީން ”ދިރުވާލީ“ ކަމަށާއި، ވެރިކަމަށް އައިސް ކޮންމެ ފަހަރަކުވެސް ގައުމުގެ ހާލަތު ރަނގަޅުކުރަން ޖެހެނީ ޕީއެންސީއަށް ކަމަށެވެ.
މިއަދު އެ ޕާޓީ ވެރިކަމުގައި އޮތުމުން، އެއްވެސް ވަރަކަށް ކަންބޮޑުވާ ދިވެއްސެއް ނެތް ކަމަށް، ޝުޖާޢު ވިދާޅުވިއެވެ.
”އިއްޒަތްތެރި ރައީސް، ބޭސް ބަރާބަރަށް އެބަ ލިބޭ ކާޑުގެ ބާވަތްތައް ބަރާބަރަށް އެބަލިބޭ، ރަމަޟާން މަހެއް އައިސިއްޔާ ތަކެތީގެ އަގު މައްޗަކަށް ނުދޭ، އެހެންވީމާ ކޮން ކަމަކާ ހާސްވެގެން؟ ރައްޔިތުން ހާހެއް ނުވޭ، އެންމެން ހެޕީކޮށް ތިބީ އިއްޒަތްތެރި ރައީސް،“ އޭނާ ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވިގޮތުގައި، ބަލި ހާލު ހުންނަ ގޮތުން، ނުވަތަ ދަރިވަރުންގެ ޓިއުޝަން ފީތަކަށް، ނުވަތަ އާސަންދައިގެ ދަށުން ބޭރު ގައުމުތަކަށް ބޭސް ފަރުވާއަށް ދަތުރުކުރާ މީހުންނަށް ބީއެމްއެލުން ބަރާބަރަށް ޑޮލަރު ދޫކުރެއެވެ.



