ހުޅުމާލެ ފުރަތަަމަ ފިޔަވަހީގެ 110 ވަނަ ފުލެޓުގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓެއްގައި ރޯވެ، ދެ ކުޑަކުދިންނާއި ތިން މީހަކަށް އަލިފާނުގެ އަސަރުކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 01:10 ހާއިރު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަނަށް ކަމަށެވެ. އެއާއެކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކުރި ކަމަށް ސިފައިން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 01:23 ހާއިރެވެ.
ސިފައިން ބުނީ އެ ހާދިސާގައި، ދެ ކުޑަކުދީންނަށާއި ތިން މީހުންނަށް އަލިފާނުގެ ސަބަބުން އެކި ވަރުގެ އަސަރުކޮށްގެން، ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
ރޯވި ފުލެޓުގެ ފޮޓޯތަކެއް އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު، މުޅި އެޕާޓްމެންޓަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވާ މަންޒަރު ފެނެއެވެ.
މި ހާދިސާއާ ގުޅިގެން އަތް ފިހުނު ފިރިހެނަކަށާއި ދުމުގެ އަސަރު ކުރި ފިރިހެނަކަށް މިހާރުވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމުގައި ފުލުހުން ބުނެފައިވެއެވެ.



