އައްޑޫ ހިތަދޫގައި މަސްތުވާތަކެތި ހިދުމަތް ދެމުން އައި ގެއެއް ނުވަތަ ”ޑްރަގު ކެފޭ“ އެއް ކޯޓުން ނެރުނު އަމުރަކާއެކު ބަންދުކޮށްފި އެވެ.
މިއީ މިގޮތަށް އައްޑޫއިން ބަންދު ކުރި ތިން ވަނަ ޑްރަގު ކެފޭއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، ހިތަދޫގައި ހުންނަ ”މައިލޯސިޓީ“ ނަމަކަށް ކިޔާ އެ ގެ ބަންދުކުރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރީ އިއްޔެއެވެ.
ފުލުހުން ބުނި ގޮތުގައި، މަސްތުވާތަކެތީގެ ހިދުމަތް ދޭތީވެ އެ ގެ ބަންދު ކުރީ ތިން މަސްދުވަހުގެ މުއްދަތަކަށެވެ.
”އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީ އާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީ. އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫއެރުމާއި ބަޔަކަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށް އެ އަމުރުގައި ފާހަގަކޮށްފައިވޭ.“ ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި، އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
”އަދި އެ ގެ އާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި މީހުން ރަހީނުކުރުމާއި ވައްކަން ކުރުން ފަދަ ޖިނާއީ ކުށްތައް ކުރަމުންދާކަން ވެސް“ އެ އަމުރާ ހަވާލާދީ ފުލުހުން ބުންޏެވެ.
މީގެ ކުރިން މިފަދަ ދެ ގެއެއް އައްޑޫން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވެ އެވެ. އެއީ ސ. މަރަދޫފޭދޫ، ”އުއްމީދު“ ކިޔާ ގެއަކާއި ސ. ހިތަދޫ، ”ލާމިޔާގެއާގެ“ އެވެ. އުއްމީދުގެ ބަންދުކުރީ މިދިޔަ މަހު15ގައެވެ. އަދި ލާމިޔާގެއާގެ ބަންދުކުރީ މިދިޔަ މަހުގެ 8ގައެވެ.




