އިޒްރޭލުގެ ޓެރަރިސްޓު ހަމަލާތަކުން ސުންނާފަތިވެފައިވާ ފަލަސްތީނަށް އެހީގެ ގޮތުގައި އަހަރަކު ބައި ލައްކަ ޑޮލަރު ދޭން ރާއްޖޭން ވައުދުވެއްޖެއެވެ.
މި ބޮޑު އެހީތެރިކަން ދޭން ރާއްޖޭން ނިންމީ، އދ.ގެ މައި މަރުކަޒުގައި ބޭއްވި، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (އަންރާ)އަށް އެހީވުމާ ގުޅޭ ކޮންފަރެންސްގައެވެ.
އެކަން އިއުލާން ކުރެއްވީ، އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރެވެ.
އެ ކޮންފަރެންސްގައި ނަސީރު ދެއްވި ބަޔާނުގައި ވިދާޅުވީ، އަންރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ބަޖެޓާ ގުޅުންހުރި ނިންމުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ، ބައެއްގެ ކަރާމާތް ހިމާޔަތްކުރުމަށާއި ބައިނަލްއަގްވާމީ ގާނޫނީ ނިޒާމު ރައްކާތެރިކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަސީރު ވަނީ އަންރާގެ މަސައްކަތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެ އެޖެންސީއާ ދެކޮޅަށް ބައެއް މީހުން ކުރާ ދޮގު ތުހުމަތުތަކުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ.
މީގެއިތުރުން އެ ޖަމިއްޔާގެ މުހިންމު މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ދާއިމީ ފަންޑިން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ވެސް ގޮވާލެއްވިއެވެ.




