މޫދުވިނައާއި ކުޅި، ޗަސްބިން ފަދަ ތަންތަނަކީ، ރާއްޖޭގެ ދިރިހުރުމާއި އިޤްތިޞާދަށް މުހިންމު ތަންތަން ކަމަށާއި މިތަންތަން ޙިމާޔަތްކުރަން ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބައިވަންތަކަން ބޭނުންވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ބެންގްކޮކުގައި ބޭއްވި އދގެ ތިމާވެއްޓާއި ތަރައްޤީއާއި ބެހޭ ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ބްލޫ ކާރބަން ސައިޑް އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ.
ބްލޫ ކާރބަން ސައިޑް އިވެންޓުގައި ޝަރީފު ދެއްކެވި ވާހަކަފުޅުގައި މައިގަނޑުގޮތެއްގައި ފާހަގަކުރެއްވީ، ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުގެ މުހިންމުކަމުގެ މައްޗަށެވެ. މި މައުޟޫއަށް އަލިއަޅުވާލަމުން މިނިސްޓަރު ވިދާޅުވީ، މޫދުވިނައާއި ކުޅި، ޗަސްބިން ފަދަ ތަންތަނަކީ، ކާރބަން ދަމާ ބޭނުންކުރާ ވަރަށް މުހިންމު ތަންތަން ކަމަށެވެ. މިފަދަ ތަންތަނަކީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ގެއްލުންތަކުން ރަށްތަށް ރައްކާތެރިކޮށް، ދިރޭތަކެތި ދެމެހެއްޓެނިވި ގޮތެއްގައި އާލާވެ، އަދި ފަތުރުވެރިކަމާއި މަސްވެރިކަމަށް އެތައް ފައިދާތަކެއް ކުރާ ތަންތަންކަން ވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ، ބްލޫ ކާރބަން ދާއިރާގައި ދިވެހިރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އިތުރުކުރުމާއި، ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ޙައްލުހޯދުން ފަދަ ކަންކަން ފާހަގަކުރެއްވިއެވެ.



