ދިވެހިރާއްޖެއަށް އެކްސްޕޯޓުކުރާ ތެލުގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީތައް އުނިކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާގެ ރަސްމީ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ގޮތުން، އަވައްޓެރި ޤައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ލުއިދިނުމުގެ ގޮތުން އެ ޤައުމުގެ ކަސްޓަމްސް ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން، ރާއްޖެއަށް ވިއްކާ ތެލުން ”ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ“ އާއި ”ރޯޑް އެންޑް އިންފްރާސްޓްރަކްޗަރ ސެސް“ ވަނީ މުޅިން މާފުކޮށްދީފައެވެ.
ދިވެހި ސަރުކާރުން މިކަމާ ގުޅިގެން މިހާތަނަށް ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، މިއީ ރާއްޖެއަށް ހެޔޮ އަގެއްގައި ތެޔޮ ލިބުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.
ދިވެހިރާއްޖެއަށް ބޭނުންވާ ތެޔޮ އާންމު ގޮތެއްގައި ގެންނަނީ މެދުއިރުމަތީގެ ބާޒާރުތަކުން ކަމަށް ވީނަމަވެސް، ޚުރުމޫޒް ކަނޑުއޮޅީގެ ނުތަނަވަސްކަމާ ގުޅިގެން މުދާ އުފުލުމަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ. އެހެންކަމުން، ރައްކާތެރި އަދި ޚަރަދު ކުޑަ ގޮތެއްގައި ތެޔޮ ހޯދުމުގެ މަޤުޞަދުގައި، އިންޑިއާއިން ތެޔޮ ގަތުމާމެދު ދިވެހި ސަރުކާރުން ވަނީ ދާދި ފަހުން މަޝްވަރާތަކެއް ފަށާފައެވެ.
އިންޑިއާއިން މިފަދަ ލުއިތަކެއް މީގެ ކުރިން ދެމުން އައީ ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް އަދި ބޫޓާނަށެވެ. އަލަށް ގެނެވުނު ބަދަލާ އެކު ޑިއުޓީ މާފުކުރެވޭ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުވެފައިވާއިރު، މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އެތެރެކުރަނީ ޔޫއޭއީ، އޮމާން، މެލޭޝިއާ އަދި ސިންގަޕޫރުންނެވެ.



