މާލެ އަދި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ރައިވެރި ހިންގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކޮށް 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 23 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހިނގާ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު، އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39،695 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން 4 މީހަކު 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވެއެވެ. އަދި ބާކީ ތިބި 2 މީހުން ކޯޓުން ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




