އަވަށްޓެރި ސްރީ ލަންކާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާއަށް ބަޑިން ހަމަލާދީ މަރާލި މައްސަލާގައި ތުހުމަތުވާ މީހާ ރާއްޖޭގައި އުޅެނިކޮށް ހިފެހެއްޓުމަށް ފަހު ލަންކާއާ ހަވާލުކޮށްފިއެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީ.އައި.ޑީ) ގެ އޮފިސަރުން ހުކުރު ދުވަހު ކަޓުނަޔަކަގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް، 23 އަހަރުގެ އެ މީހާ ފޭބުމާ އެކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އިތުރަށް ތަހުގީގު ކުރުމަށްޓަކައި އޭނާ މިހާރު ވަނީ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމްސް ޑިވިޝަނާ ހަވާލުކޮށްފައި ކަމަށް ބުންޏެވެ.
ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި މިއީ ވަކީލްގެ ދެމަފިރިންނަށް ހަމަލާދިން މީހުންނަށް ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިދިން ކަމަށް ތުހުމަތުވާ މީހާ އެވެ.
ފުލުހުން ބުނި ގޮތުގައި، އެތުކަންދުރާ އަށް ނިސްބަތްވާ މި މީހާއަކީ، މިދިޔަ ފެބްރުއަރީ 13 ވަނަ ދުވަހު ތަލަންގަމާ ޕޮލިސް ޑިވިޝަންގެ ބާރުގެ ދަށުގައިވާ އަކުރެގޮޑާ ސަރަހައްދުގައި، ގާނޫނީ ވަކީލަކަށާއި އޭނާގެ އަންހެނުންނަށް ބަޑިން ހަމަލާދިން މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ މީހެކެވެ.



