ދެ އަހަރު ދުވަހުގެ މުއްދަތަކަށް ހެރިޓޭޖް އެންޑް އާޓްސް މިނިސްޓްރީ އިޝްތިހާރުކޮށް، އެ ތަނުގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) ހިންގާނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފިއެވެ.
ހެރިޓޭޖް މިނިސްޓްރީ އާއި އެ މިިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ ޕީއާރާއި މީޑިއާ މަސައްކަތްކުރުމަށް ބަޔަކު ހޯދަން، އެ ކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އަންދާސީ ހިސާބުތައް ހުށަހަޅަން ހުޅުވާލީ މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 11:30 ގެ ނިޔަލަށެވެ.
ހެރިޓޭޖް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މިނިސްޓްރީގެ އިތުރުން އެ މިނިސްޓްރީގެ ދަށުގައިވާ ހަތް އިދާރާއެއްގެ އިތުރުން މިނިސްޓްރީގެ މަަސައްކަތްތަކާއި ޕްރޮޖެކްޓްތައް ހިންގާ ފަރާތްތަކުގެ ޕީއާރް ވެސް ހިންގައިދޭން ޖެހެއެވެ.
އޭގެ ތެރޭގައި ހިމެނެނީ:
° ނެޝަނަލް ސެންޓާ ފޮ ދަ އާޓްސް (އެންސީއޭ)
° ނެޝަނަލް ސެންޓާ ފޮ ދަ ކަލްޗުރަލް ހެރިޓޭޖް (އެންސީސީއެޗު)
° ދިވެހި ބަހުގެ އެކަޑަމީ
° ނެޝަނަލް ބިއުރޯ އޮފް ކްލާޝިފިކޭޝަން (އެންބީއެޗު)
° ނެޝަނަލް އާކައިވްސް (ގައުމީ އަރުޝީފު)
° ނެޝަނަލް ލައިބްރަރީ (ގައުމީ ކުތުބުހާނާ)
ޕީއާރް މަސައްކަތްތަކާ ހަވާލުވާ ކުންފުނިން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމަނާފައިވަނީ:
° މިނިސްޓްރީގެ ހަރަކާތްތަކާއި ސިޔާސަތުތަކާއި ކާމިޔާބީތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުން
° ހުރިހާ އިދާރާތަކުގެ ބްރޭންޑިން އެއްގޮތްކޮށްގެން ގެންދާނެ ގޮތުގެ މާކެޓިން އަދި ޕީއާރު ސްޓްރެޓެޖީއެއް އެކުލަވާލުން
° ކޮމިއުކޭޝަން ހިންގާނެ ގޮތުގެ ލަފާ މިނިސްޓްރީގެ ލީޑާޝިޕަށް ދިނުމާއި އޭގެ ޕްލޭންތައް ހިންގައިދިނުން
° މީޑިއާތަކާއި ނޫސްތަކާ އެކު ގުޅުން ބަދަހިކުރުމާއި މީޑިއާތަކުގެ ސުވާލުތަކަށް ޖަވާބުދާރީވުމާއި ނޫސްވެރިންގެ ބައްދަލުވުންތައް ހިމެނޭ ގޮތަށް ޕީއާރް އިވެންޓްތައް އިންތިޒާމުކޮށް ހިންގުން
° މިިނިސްޓްރީގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ހޭންޑަލްތަކަށް ކޮންޓެންޓް އުފެއްދުމާއި ގިނަ މީހުންނަށް ކޮންޓެންޓް ވާސިލްކުރުމަށް މަސައްކަތްކޮށްދިނުން




