ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު މަގާމަށް އިންތިހާބުވި ޕާޓީން ވަކިވެ، އެހެން ޕާޓީއަކާ ގުޅިފައިވާތީ އޭނާ އެ މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ޝުޖާއު ގޮނޑީގެ މައްސަލަ އެ ޕާޓީގެ ގާނޫނީ ޓީމުން މިހާރު ރިވިއު ކުރަމުން އަންނަ ކަމަށާއި މި ހަފުތާގެ ތެރޭގައި މައްސަލަ ކޯޓަށް ހުށަހެޅޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކޮށް ޝުޖާއު އިންތިހާބުވުމަށް ފަހު، އެ ޕާޓީ އުވާލުމާ އެކު އަދި ކައުންސިލްގެ ދައުރު ފެށުނު ފަހުން މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އޭނާ ދަފްތަރުވިއެވެ.
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށް ފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމުން މަގާމު ގެއްލޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާން ކުރެއެވެ.
ދައުރު ފެށުނު ފަހުން ޝުޖާއު ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލިފައި ވާއިރު، މިއީ ގާނޫނުގައި ނެތް ހާލަތެއް ކަމަށް އޭނާ ވިދާޅުވެފަ އެވެ. އަދި ދެން ވެސް އިންތިހާބެއް ބޭއްވިޔަސް ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑީގެ މަގާމު ކާމިޔާބު ކުރާނީ އެމްޑީޕީ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.



