މާލޭ ރައްޔިތުންނަށް ހުޅުމާލޭގެ ފޭސް 2 އަދި ހުޅުމާލެ ފޭސް 3 އިން ދޫކޮށްފައިވާ ގޯތިތަކަކީ ދިރިއުޅުމުގެ ބޭނުމަށް އެކަނި ބޭނުން ކުރެވޭ ތަނެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވިޔަފާރިއަށް ބޭނުން ކުރެވޭ ގޮތް ހަދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުން ނިންމުން ފާހަގަކުރަން ރޭގައި އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކުވެރިކަމުގެ ދަށުގައި މިހާރު ހުރި ހުޅުމާލޭގެ ބިންތަކުން އެކަނި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ކަމަށެވެ.
އެޗްޑީސީގެ ބިންތައް މަދުވެފައިވަނީ ކުރިން އޮތް ޕްލޭން ބަދަލުކޮށް، ހުޅުމާލޭން މާލޭ ރައްޔިތުންނަށް 2،000 އަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާތީ ކަމަށް މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު އޮތް ހާލަތުގައި ވިސްނުމަކަށް ވާންވީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެން ހަދާ ކޮންމެ ތަނަކީ އެޗްޑީސީގެ ބިމެއްގައި ހަދާ ތަނަކަށް ވާން ނުޖެހޭ ކަމެވެ.
”އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރީގެ އުސޫލުން ތަރައްގީކޮށްގެން އެ ބިންތަކުން ފައިދާ ހޯދާ މި ތަނުގައި އުޅޭ ރައްޔިތުންނަށް ހިދުމަތް ލިބޭނެ މަގު ވެސް ތަނަވަސްކޮށްދޭން. މި ވަގުތު އެ ބިންތަކަކީ ވަރަށް ބޮޑަށް ތަޅުއެޅުވިފައި ހުރި ބިންތަކެއް. ހަމައެކަނި ދިރިއުޅުމަށްޓަކައި ވަކި ގޮތަކަށް ހުއްދަ މި ދެވެނީ“ މިނިސްޓަރު ވިދާޅުވިއެވެ.




