މާލެ، ހިތަށްފިނިވާމަގުގައި ހުންނަ ހާޑްވެއާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން ވައްކަންކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ، ޏ. ފުވައްމުލައް، ދިގުވާނޑު ފެއަރީ، އަޙްމަދު ނަޞްރު (46އ) އާއި ށ. ޅައިމަގު، ހިތަށްފިނިވާގެ، ފާރިސް ޢަލީ ޝަރީފް (35އ)އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. މިގޮތުން، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި މައްސަލަ ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ފުޓޭޖު ބަލައި، ވައްކަންކުރި މީހުން ދެނެގަނެ އެ މީހުން ހޯދައިގެން ހައްޔަރުކުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި، އެ ފިހާރައިން ވަގަށްނެގި ލޮއިނަރު ރޯލުތައް މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



