ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ ”ޑާޒަލެކްސް“ ކިޔާ އިންޖެކްޝަނެއްގެ ފޭކް ބެޗްތަކެއް ފެނުމުން އެކަން ރާއްޖެއިން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ސަމާލުކަމަށް ގެނެސްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ، އެ ބޭހަކީ އަމިއްލަ މީހަކު އޭނާގެ ފަރުވާއަށް ރާއްޖެއަށް ގެނައި ބޭހެއް ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ސަމާލުކަމަށް އެ ބޭސް ގެނެސްފައިވަނީ އެއިން ޝައްކުކުރެވޭ ކަންތައްތަކެއް ފެނިގެންކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އަދި އެކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައުމުން އެމްއެފްޑީއޭއާއި އެ ބޭސް އުފައްދާ އަސްލު ކުންފުންޏާ ގުޅިގެން ކުރި މަސައްކަތުން އެނގިގެން ދިޔައީ އެއީ އެ ކުންފުނިން ތައްޔާރުކޮށްފައިވާ ބޭހެއް ނޫންކަމަށާއި އެހެންތަނެއްގައި ބަޔަކު ވަގަށް އުފައްދަމުންދާ ބޭހެއް ކަމަށެވެ.
އެއާއެކު ދުނިޔޭގެ އެހެން ޤައުމުތަކަށް އެ ބޭސް އެތެރެކޮށްފައިވޭތޯ ބެލި ބެލުމުން މެކްސިކޯއަށްވެސް އެ ބޭސް އެތެރެކޮށްފައިވާކަން އެނގިފައިވާކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެމްއެފްޑީއޭއިން ބުނީ ރާއްޖެއިން ފެނުނު ބޭހަށް އަޅާފައި ހުރި އެއްޗެހި ދެނެގަތުމަށް އެ ބޭސް އުފައްދާ އަސްލު ކުންފުނީގެ ލެބޯޓަރީއަށް ފޮނުވާފައިވާކަމަށެވެ.
ރާއްޖެ އާއި މެކްސިކޯއިން ފެނުނު އެ ބޭސްތަކުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ ފަރުވާގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރާފާނެ ކަމަށް ޑަބްލިއުއެޗްއޯއިން ނެރުނު އެލާޓްގަވެއެވެ.
”ޑާޒަލެކްސް“ އަކީ ކަށީގެ މަދުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ ”މަލްޓިޕަލް މައިލޯމާ“ އާއި ލޭގެ ބައްޔެއް ކަމަށްވާ ”އެމިލޮއިޑޯސިސް“ އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބޮޑީއެކެވެ. މިއިންޖެކްޝަން ރާއްޖޭގެ އެއްވެސް މީހަކަށް ޖަހާފައި ނުވާކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.



