ރާއްޖޭގައި ބޭރު ފައިސާގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ނުލިބިގެން އުޅެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑޮލަރުގެ ރޭޓަށް ގެނައި ބަދަލުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ރަސްމީ ޑޮލަރު ރޭޓަކީ 15.42ރ. ނަމަވެސް ކަޅުބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގު ހުރީ 20ރ. އިން މަތީގަ އެވެ. ޑޮލަރުގެ އަަގު ކޮންޓްރޯލު ކުރުމަށް އެމްއެމްއޭ އާއި ބީއެމްއެލް އިން ވަނީ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެން ޒިޔާދު ވަނީ ޑޮލަރުގެ އަގު ދަށްނުވާތީ އެކަމާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ.
މެންބަރު ސުވާލުކުރެއްވީ ޑޮލަރު ގަންނަން ލިބެނީ 20ރ. އަށް ކަމަށާއި ޑޮލަރު ގަންނަން ލިބޭ އަގު ހެޔޮވާނީ ކޮންއިރަކުންތޯ އެވެ.
މެންބަރު ޒިޔާދުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ 2008ގައި އައި އެމްޑީޕީ ސަރުކާރުގައި ޑޮލަރު މާރުކުރާ ރަސްމީ ރޭޓު 10ރ. އާއި 15ރ.އާ ދެމެެދުގެ ބޭންޑަކަށްލީ ކަމަށާއި ޑޮލަރުގެ އަގު އުފުލި، ރައްޔިތުންނަށް އޭގެ ދަތިތައް ކުރިމަތިވެގެން އުޅެނީ އޭގެ ސަބަބުން ކަމަށެވެ.
”ރައީސް ނަޝީދުގެ ސަރުކާރުން 10ރ. އާއި 15ރ.އާ ދޭތެރޭގައި ބޭންޑެއް އެޅި ވާހަކަ ދެއްކި. އަޅުގަނޑު ކުރިން ވެސް ދެންނެވިހެން އެ މައްސަލަ އަދިވެސް [މި އުޅެނީ]. އޭގެ ސަބަބުން ރައްޔިތުންނަށް ސަލާމަތް ނުވެވިގެން މި އުޅެނީ. އެ ވާހަކަ އަޅުގަނޑު އަނެއްކާވެސް ތަކުރާރުކޮށްލީ،“ މިނިސްޓަރު ވިދާޅުވިއެވެ.




