ގަވައިދާ ޚިލާފަށް އުޅެމުންދިޔަ 27 ބިދޭސިއަކު ފުޑް ކޯޓު ސަރަހައްދުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ”އެކްސް“ ގައި ހިއްސާކުރި ޕޯސްޓެއްގައިވަނީ، ގިނަ އަދަދެއްގެ ބިދޭސީން ފުޑް ކޯޓު ސަރަހައްދުގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ، އެ ސަރަހައްދަށް ޚާއްސަކޮށް ޓާސްކްފޯހުން ރެއިޑް އޮޕަރޭޝަނެއް ރޭ ހިންގި ކަމަށް، އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ، މި އޮޕަރޭޝަނުގެ ތެރެއިން ޖުމުލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހިންގާ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހު މާލެ ސަރަހައްދުގައި ވަނީ ފަށައިފައެވެ.




