ސްކޫލްތައް އޭސީކުރަން ކުރިއަށްގެންދާ ”ކޫލް ސްކޫލް“ ޕްރޮޖެކްޓްގެ 61 އިންސައްތަ ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
އައްޑޫ ޝަރަފުއްދީން ސްކޫލުގައި އޭސީ ހަރުކުރުގެ މަސައްކަތް އޮތް ހިސާބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ސުވާލުކުރެއްވުމުން މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓް ފެށީ ޖުމްލަ 217 ސްކޫލެއްގައި ކަމަށާއި އޭގެ ތެރެއިން 61 އިންސައްތަ ސްކޫލުގެ މަސައްކަތް މިއަދާ ހަމައަށް ނިމިފައިވާ ކަމަށެވެ.
”އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި ދަނީ ބާކީ ހުރި ސްކޫލްތަކުގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑްކޮށް ކަރަންޓުގެ މަސައްކަތް ނިންމާލުމަށް، ހުރިހާ ސްކޫލުތަކަށް ވެސް މިހާރު ވާނީ އޭސީތައް ފޮނުވިފައި“ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
އެ ޕްރޮޖެކްޓު ވަރަށް އަވަހަށް ނިންމަން ބޭނުންވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބައެއް ސްކޫލުތަކަށް 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
އެ ސްކޫލުތަކުގައި ހުރީ ސިންގަލްފޭސް ކަރަންޓު ކަމަށް ވާތީ ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވަމުން އިސްމާއިލް ވިދާޅުވީ އަމާޒަކީ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން ގިނަ ސްކޫލުތަކުގައި މަސައްކަތް ނިންމާލުން ކަމަށެވެ.




