ރާއްޖެއިން ބޭރުން ޕޯސްޓްމޯޓަމް ހަދަން ބައި ލައްކައެއްހާ ރުފިޔާ ހޭދަވާ ކަމަށާއި، މި ޚިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މި ޚިދުމަތަކީ ޚާއްސަ ހާލަތްތަކުގައި ދެވޭ ޚިދުމަތެއްކަން ފާހަގަކުރައްވައި ގީލާ ވިދާޅުވީ ފާއިތުވީ 10 އަހަރު ތެރޭގައި 23 ހަށިގަނޑެއް ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވި ކަމަށެވެ. އަދި މި ޚިދުމަތް ހޯދުމަށް އިންޑިއާގެ ޓްރިވެންޑްރަމްއަށް ހަށިގަނޑު ފޮނުވައިގެން ވެސް 55،000 ރުފިޔާ އަރާ ކަމަށް ގީލާ ވިދާޅުވިއެވެ.
މިއީ ނިސްބަތުން ބޮޑު އަދަދެކެވެ. އެގޮތުން ފާއިތުވި 10 އަހަރުތެރޭ ޕޯސްޓްމޯޓަމް ހަދަން ފޮނުވި 23 ހަށިގަނޑަށް ދައުލަތުން ވަނީ 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
ގީލާ ވިދާޅުވި ގޮތުގައި މިހާރު މި ސަރުކާރުން ދަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެވަލް ދޭއް ގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މިހާރު ވަނީ އެ މަސައްކަތް ފަށާފައެވެ.
”ދިވެހިރާއްޖޭގައި ޕޯސްޓްމޯޓަމްގެ ޚިދުމަތް ގާއިމުކުރުމަށްޓަކައި އެފަދަ ޚިދުމަތެއްގެ މައުލޫމާތު ގާނޫނެއްގައި ހިމަނާފައި ވަނީ 2015 ވަނަ އަހަރު. އޭގެ ފަހުން މިވީ އަހަރުތަކުގެ ތެރޭގައި ސަރުކާރުތަކެއް ވެސް އަތުވެއްޖެ. އަދި މި ޚިދުމަތް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ރާއްޖޭގައި ކުރެވުނު މަސައްކަތެއް ވެސް ކުރީ މި ސަރުކާރުން،“ މިނިސްޓަރ ވިދާޅުވިއެވެ.
ގީލާ ވިދާޅުވީ މި ޔުނިޓް ގާއިމްވުމުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކް ޚިދުމަތްތަކާއި، ޕޯސްޓްމޯޓަމްގެ ޚިދުމަތް ހަރުދަނާ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.




