ސ. ހިތަދޫގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ދެ މީހަކާއި 17 އަހަރުގެ ކުއްޖަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ޖުލައި 04 ވަނަ ދުވަހުގެ ރޭ 22:00 އެހާކަންހާއިރުއެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށްފައިވަނީ 2026 ޖުލައި 6 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ޢަޠީނާ، ޝިޔާޙު މުޙައްމަދު (26އ) އާއި، ސ. ހިތަދޫ / ބޯޅަކިންކިރުމާގެ، މުޙައްމަދު މާހިލް އަޙްމަދު (18އ) ގެ އިތުރުން 17 އަހަރުގެ ކުއްޖެކެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކުއްޖާއާއި ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދަނީ ”ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު“ ގެ ދަށުންނެވެ.
މުޖުތަމައުގެ ސަލާމަތާއި އަމާންކަން ގެއްލޭފަދަ އެއްވެސް އަމަލަކަށް ފުލުހުން ޖާގަ ނުދޭނެކަމާއި، މިފަދަ ކުށްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ފުލުހުން ފަސްނުޖެހޭނެކަމުގެ ޔަގީންކަން އެ މުއައްސަސާއިން ވަނީ ދެއްވާފައެވެ.



