އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކަށް ބައިވެރިނުވެވުނީ ކުއްލި ގޮތަކަށް ޕްރޮޓޮކޯލަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށް ދިވެހި ސަރުކާރުން އިއްޔެ ބުނެފިއެވެ.
އާޔަތުﷲގެ ރަސްމީ ޖަނާޒާ ބޭއްވީ މިދިޔަ ހުކުރު ދުވަހުގަ އެވެ. އަދި ޖަނާޒާގެ ރަސްމިއްޔާތުތައް މިދިޔަ ހޮނިހިރު ދުވަހު ފެށީ ހަފުތާއެއްގެ މުއްދަތަކަށް ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް މިހާތަނަށް ވެސް ދިވެހި ސަރުކާރުގެ މަންދޫބަކު ގޮސްފައިނުވާތީ ގިނަ ބަޔަކު އަންނަނީ އެކަމާ މެދު ސުވާލު އުފައްދަމުންނެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އާޔަތުﷲގެ ޖަނާޒާގައި ބައިވެރިވުމުގެ ދައުވަތު ދިވެހި ސަރުކާރަށް އިރާނުގެ ސަރުކާރުން ފޮނުވާފައިވާ ކަމަށެވެ. ޖަނާޒާގައި ބައިވެރިވާނެ ސަރުކާރުގެ މަންދޫބަކަށް ރާއްޖޭން ސައުދީ އަރަބިއްޔާ އާއި އޯގަނައިޒޭޝަން އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ވެސް ހަމަޖެއްސި ކަމަށް އެ ބަޔާނުގައިވެއެވެ.
ނަމަވެސް އޭގެ ފަހުން، ސަރީރު ފުރާވަޑައިގަންނަވާ ވަގުތު ކައިވެރިވެފައި ވަނިކޮށް، ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުސޫލު މިހާރު ހަމަޖެހިފައިވާ ގޮތުން ސަފީރުންގެ ލެވެލްގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް އިރާން އެމްބަސީން އެންގި ކަމަށާއި އެ މައުލޫމާތު ލިބުމުން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅެއް ރާއްޖެއިން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިރާނަށް ދަތުރުފުޅު ކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރި ކަމަށް ބަޔާނުގައިވެއެވެ.
ނަމަވެސް ސްޓޭޓް މިނިސްޓަރަށް ތެހްރާނަށް ވަޑައިގެނެވޭނީ ޖަނާޒާގެ ރަސްމީ ބައި ނިމޭ ފަހުން ކަމަށްވާތީ، އިރާނުގެ ސަރުކާރުން ދެން ލަފާ ދެއްވީ މި ވަގުތު ދެން ދަތުރު ކުރެއްވުމުގެ ބަދަލުގައި ފަހުގެ ތާރީހެއްގައި އެ ދަތުރު ކުރެއްވުމަށް ކަމުގައިވެސް ބުނެފައިވެއެވެ.
އީރާނުގައި 37 އަހަރު ވަންދެން ވެރިކަން ކުރެއްވި ހާމަނާއީ އަވަހާރަވީ މިދިޔަ ފެބްރުއަރީގައި އެމެރިކާ އާއި އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގަ އެވެ. އޭނާގެ ހަށިގަނޑާއި އެ ހަމަލާގައި މަރުވި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ ހަށިގަނޑުތައް ބަހައްޓާފައިވަނީ އާޔަތުﷲ ރޫހުﷲ ހުމައިނީއަށް ނިސްބަތްކޮށް ހަދާފައިވާ ނަމާދުކުރާ ހޯލެއްގައެވެ.



