ހުޅުމާލެ ފޭސް 1 އަދި 2ގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ނުހެދިހުރި މަގުތައް ހެދުމަށް ފަށާފައިވާ މަޝްރޫޢުގައި މިހާތަނަށް 3 މަގުގައި ތާރު އަޅާ ނިންމާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން ބުނެފިއެވެ.
ހުޅުމާލޭގައި 6 މަގެއް ތަރައްޤީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ ޑިސެންބަރު މަހުގެތެރޭގައެވެ. އޭގެތެރޭގައި ހިމެނެނީ ފޭސް 1ގައި ނުނިމި ހުރި 5 މަގެއް ތަރައްޤީކުރުމުގެ މަސައްކަތާއި، ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ތަރައްޤީ ކުރުމުގެ މަސައްކަތެވެ.
އެގޮތުން ޖުމްލަ 1.1 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދުގައި ތާރު އަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން ބުނީ މިހާތަނަށް 3 މަގެއްގައި ތާރު އެޅުމުގެ މަސައްކަތްތައް މުޅިން ނިމިފަވާ ކަމަށެވެ. އެއީ އެޕޯލޯ ފްލެޓްތަކުގެ ބިއްދޮށުން އޮންނަ މަގާއި ވަން ސެންޓްރަލް ޕާކް ރެސިޑެންސްއާ އިންވެގެން އޮންނަ މަގުގެ އިތުރުން ރޭތިގަލް ރެސިޑެންސްއާ އިންވެގެން އޮންނަ މަގުގެ މަސައްކަތެވެ.
މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ފޭސް 2ގެ ވިނަރެސް ބިއްދޮށުން ކުރީގެ ފަރުކޮޅުފުއްޓާ ދިމާލަށް އޮންނަ މަގުގައި ތާރުއަޅާ ތަރައްޤީކުރުމުގެ މަސައްކަތެކެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ސަބްބޭސްގެ މަސައްކަތްތައް ނިމި، ތާރުއެޅުމާ ގުޅޭ މަސައްކަތްކެވެ.




