ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދަ އިޚުތިރާމް ކުރުން އަށަގެންނެވުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިފަދަ ކެމްޕެއިނެއް ފެެއްޓެވުމަށް ރައީސް ނިންމަވާފައިވަނީ ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް ދެއްވާ އިސްކަމުގެ ތެރެއިންނެވެ.
މި ކެމްޕެއިނާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ މި ސަރުކާރު އައުމާ ހަމައަށް ދިވެހިންގެ އައިޑެންޓެންޓިޓީ ގެއްލުމަކާ ހަމައަށް އައިސްފައި އޮތް ކަަމަށެވެ. ނަމަވެސް މިސަރުކާރުން އެކަމަށް އިސްކަންދެއްވާ ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަން ދީގެން މަސައްކަތްތަކެއް ފެށިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތާރީޚް ދިރާސާކޮށް ސަޤާފީކަންކަން އާލާކުރުމަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެދާރައިތާކުން ޚިިދުމަތް ކުރައްވާފައިވާ އިސްރަށްވެހިންގެ އެއްބާރުލުން ބޭނުންވާކަމަށާއި މިހާރުވެސް އެމީހުންގެ އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ މިފަދަ ހުރިހާ ކަމަކާ ގުޅިފައިވާ އެއްކަމަކީ އިޚުތިރާމް އަދާކުރުންކަމަށާއި ނަމަވެސް ރާއްޖެއަށް ސިޔާސީ އޮއެވަރު އައި ހިސާބުން ފެށިގެން އިޚުތިރާމް އަދާކުރުމުގެ ބައި ގެއްލިފައިވާކަމަށެވެ.
”ކުރިން ވިއްޔާ އަވައްޓެރިންނަށްވެސް އިޚުތިރާމް ކުރާނެ. އަމުދުުން ބޮޑެތި މީހުންނަށް އިޚުތިރާމް ކުރާނެ. އެއްބަޔަކު އަނެއްބަޔަކު މެދު އަޚުލާޤީ މިންގަނޑު ހިފަހައްޓާނެ. ނަމަވެސް ސިޔާސީ އޮއެވަރު ވަރުގަދަވަމުން އައިސް މޫލަމުން ދިޔަ ވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި އިޚުތިރާމް އަދާކުރުން މިއޮތީ ނެތިގެން ގޮއްސަ. ނަމަވެސް އަޅުގަނޑުމެންގެ އައިޑެންޓިޓީގައި ވަަރަށް ބޮޑު ސިފައެއް އެއީ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ތެރޭގައި އޮތް ރީތި އާދަ އަލުން އަށަގަތުމަށްޓަކައި ޤައުމީ ބޮޑު ކެމްޕެއިނެއް ފަށަން ނިންމަވާފައިވާކަމަށެވެ. އެއީ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކެމްޕެއިން ކުރިއަށްގެންދާނީ އެންމެނަށްވެސް ބައިވެރިވެވޭ ގޮތަށްކަމަށެވެ.



