އަމީނީ މަގުގެ ފަހު ސެގްމަންޓުގައި އަލުން ތާރު އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ވީ އެންމެ އަވަހަށް ފެށުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން އަމީނީމަގުގައި ތާރުއެޅީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް އެ މަގުގެ ބައެއް ސަރަހައްދުތައް ހަލާކުވަމުން އަންނަކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ.
އެކަން ރަނގަޅުކުރަން މިދިޔަ ސެޕްޓެމްބަރު މަހުގައިވެސް މަސައްކަތް ކުރިއެވެ. ނަމަވެސް މިހާރު އަނެއްކާވެސް އެ ސަރަހައްދުގެ ބޮޑުބައެއް ވަނީ ހަލާކުވެފައެވެ.
ކަން އެހެން އޮއްވައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް މިދިޔަ އޭޕްރީލް މަހު ވަނީ، އަލުން އެ ސަރަހައްދުގައި ތާރުއަޅަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.
އޭރު އޭނާ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ރާއްޖޭން ބޭރުގެ ރޯޑް އިންޖިނިއަރެއް ގެނެސްގެންނެވެ.
އޮންލައިން މީޑިއާއަކަށް މައުލޫމާތު ދެމުން ހައުސިންގް މިނިސްޓްރީން މިއަދު ބުނީ، އަމީނީމަގާއި އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ ޖޫން މަހު 15ގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.




