މަގުތަކަށް ފެންތިކި ޖަހާ ގޮތަށް ހުރި ތަންތަން ރަނގަޅު ކުރަން މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މާލޭގެ މަގުތަކަށް ހާއްސަކޮށް ޕޭވްމަންޓު މައްޗަށް ފެން ތިކި ޖަހަނީ، އިމާރާތްތަކުގައި ހަރުކޮށްފަ ހުންނަ އޭސީ ހޮޅިތަކާއި ދިޔަދޮވި ހޮޅިތަކުންނެވެ. އެހެންވެ ހިނގައިބިނގާވެއުޅޭ މީހުންނަށާއި ދުއްވާ އެއްޗެހީގައި އުޅޭ މީހުންނަށް އުނދަގޫވާކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މީގެ ކުރިން ވެސް އެފަދަ ތަންތަން ފާހަގަކޮށް، އެ ތަންތަން ރަނގަޅުކުރަން އަންގައިފައިވާނެ ކަމަށެވެ. ނަމަވެސް އަނެއްކާ ވެސް އެކަން ތަކުރާރުވަމުންދާތީ ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
”އިމާރާތްތަކުން ފެން ތިކި ޖަހާ މައްސަލަ އަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލައެއް. މި ފަދަ މައްސަލަތައް ހައްލުކުރުމަށް ހުރިހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ“ މޭޔަރު އާޒިމް ވިދާޅުވިއެވެ.
އެފަދަ ތަންތަން ފާހަގަވާނަމަ، ކައުންސިލްގެ ހޮޓްލައިން ނަމްބަރު 9341144 އަށް، ފޮޓޯ އާއި ވީޑިއޯ ފޮނުވައިދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.



