އަންނަ އަހަރުން ފެށިގެން 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު ތައްޔާރު ކުރުމުގެ މަަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ.
އެ މިނިސްޓްރީން މިހާރު ވަނީ މެދު ރާސްތާގެ ބަޖެޓު ތައްޔާރުކުރުމަށްޓަކައި ދައުލަތުގެ އެންމެހާ އިދާރާތަކުން ބޭސްލައިން ބަޖެޓު ހުށަހެޅުމަށް ހުޅުވާލާފައެވެ.
ބޭސްލައިން ބަޖެޓަކީ އިދާރާތަކުން މިހާރު ކުރިއަށްގެންދާ ނުވަތަ ހިންގަމުންދާ ހަރަކާތްތަކާއި މަޝްރޫޢުތައް މިހާރު ކުރިއަށްގެންދާ ފެންވަރު ނުވަތަ ސްކޯޕުގައި ކުރިއަށްގެންދިއުމަށްޓަކައި ހިނގާނެ ކަމަށް ލަފާކުރެވޭ ޚަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެކެވެ. މީގެ ތެރޭގައި އަލަށް ފެށުމަށް ރާވާފައިވާ ހަރަކާތްތަކާއި، މަޝްރޫޢުތަކާއި، އިތުރަށް ހޯދަން ބޭނުންވާ ޚިދުމަތާއި ތަކެއްޗާއި، އަދި އަަލަށް ނަގަން ގަސްތުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު ނުހިމެނެއެވެ.
ފިނޭންސުން ބުނީ، ދައުލަތުގެ އޮފީސްތަކުން ބޭސްލައިން ބަޖެޓު ތައްޔާރުކުރަންވާނީ އެ ވުޒާރާއިން ކަނޑައަޅާފައިވާ ބަޖެޓު ސީލިންއަށްވުރެ ބޮޑު ނުވާނެހެން، އަދި ޝާޢިއުކޮށްފަައިވާ ސަރކިއުލާގައިވާ ބަޖެޓުގެ އަމާޒުތައް ހާސިކުރެވޭނެފަދަ ގޮތަކަށް ހަރަކާތްތަކާއި މަޝްރޫޢުތައް ރާވައިގެން ކަމަށެވެ. 2027އިން 2029 ވަނަ އަހަރަށް ލަފާކުރެވޭ ބަޖެޓު ތައްޔާރުކުރާއިރު، ބޭސްލައިން ބަޖެޓު ހުށަހަޅާނީ އެސްއޭޕީބީޕީސީ މޮޑިއުލް މެދުވެރިކޮށް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މެދުރާސްތާގެ ބަޖެޓުގެ މުހިންމު އަމާޒުތައް:
* ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން މެދުރާސްތާގައި ކަށަވަރުކުރުން
* ދައުލަތުގެ ޚަރަދުތައް އެފިޝަންޓްކޮށް، ކުރާ ޚަރަދާއި ބައްދަލު ނަތީޖާއެއް ކަށަވަރުކުރުން
* ދައުލަތުން ފޯރުކޮށްދޭ އަސާސީ އަދި އިޖުތިމާއީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން
* ދައުލަތުން އިޖުތިމާއީ ރައްކާތެރިކަން ކުރިއަރުވަން ފޯރުކޮށްދޭ އެހީ ދިނުމުގައި މުޖުތަމައުގައި ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދިނުން
* ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން



