މިއީ ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މީމްއެއް ގޮތަށް މަޖަލަކަށް ބޭނުންކުރި އަދި ބޭނުންކުރަމުންދާ ވީޑިއޯއެއްގެ ފޮޓޯއެކެވެ.
އުމުރުން ދުވަސްވެފައިވާ އެ ބޭބެ ރުޅިއައިސްގެން ބުނާ އެ ބަސްކޮޅާއި، ބޭބެގެ މޫނުމަތިން ރުޚިއައިސްފައި ހުރިކަން ދައްކުވައިދޭ އެ ވީޑިއޯގެ ފޮޓޯވެސް ދުވަސްކޮޅުކޮޅުން އާންމުވާކަން ފާހަގަ ކުރެވެއެވެ.
ދާދި ފަހުން އަނެއްކާވެސް މިވަނީ އެ ބޭބެގެ މި ފޮޓޯ އަނެއްކާވެސް ވައިރަލް ވާން ފަށާފައެވެ. ވޯލްޑް ކަޕްއާ ގުޅިގެން، އެ ބޭބެ ޖަރޒީއެއް ލައިގެން ހުންނަ ގޮތަށް އެ ފޮޓޯ އެޑިޓް ކޮށްފައި ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި އެ ފޮޓޯ ހިއްސާ ކޮށްފައެވެ.
ނަމަވެސް މި ފޮޓޯ ބޭނުންކުރުން ހުއްޓާލުމަށް މި ބޭބެގެ އާއިލާއިން މިހާރު ވަނީ ވަރަށް ބޮޑަށް އެދިފައެވެ.
މި ބޭބެގެ އެ ފޮޓޯއާއި ވީޑިއޯ އެފަދައިން ދައުރު ނުކުރުމަށް އޭނާގެ ދަރިއަކު ދާދިފަހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އޭނާ ބުނީ، މި ބޭބެ ވަނީ މީގެ 5 އަހަރު ކުރިން މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔާފައި ކަމަށެވެ.
އެހެންކަމުން އޭނާގެ ބައްޕައަށް ހުރިހާ އެންމެން ވެސް އިހްތިރާމްކޮށްދިނުމަށާއި މި ފޮޓޯ އެއްވެސް ގޮތަކަށް (އެޑިޓް ކޮށްގެން ވިޔަސް) ބޭނުން ނުކުރަމަށް އޭނާ އެދިފައިވެއެވެ.
މިއީ ދަރިއެއްގެ އަދި އާއިލާއެއްގެ ވަރަށް ބޮޑު އެދުމެކެވެ.
އެކަކު އަނެކަކަށް އިހުތިރާމް ކުރުމަކީ އަހަރެމެެންގެ ކިބައިގައި އަށަގަންނަން ޖެހޭ ވަރަށް ރަނގަޅު އާދައެކެވެ. ޚާއްސަކޮށް ދުނިޔޭގައި ނެތް މީހުންނަށް ވެސް އިހުތިރާމްކުރުން އާދަކުރަން އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު އެބަޖެހެއެވެ.




