ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފާއިތުވި 30 މަހު ކަސްޓަމަރުންނަށް ޑޮލަރު ވިއްކި އަދަދު 1.7 ބިލިއަން ޑޮލަރަށް އެރި ކަމަށާއި، އެއީ އޭގެ ކުރީގެ 30 މަހާ އަޅައިބަލާއިރު 77 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ބެންކުން މިއަދު ބުނެފިއެވެ.
ބީއެމްއެލްއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ވޭތުވި ފަސް އަހަރު ތެރޭގައި ބެންކުން ކަސްޓަމަރުންނަށް 2.7 ބިލިއަން ޑޮލަރު ވިއްކާފައިވެއެވެ. އޭގެ ތެރެއިން 1.7 ބިލިއަން ޑޯލަރު ވިއްކާފައި ވަނީ ފާއިތުވި 30 މަސް، ނުވަތަ ޖަނަވަރީ 2024އިން މި އަހަރުގެ ޖޫން މަހާ ދޭތެރޭ ކަމަށް ތަފާސްހިސާބުގައިވެއެވެ.
އެ ބޭންކުން ބުނި ގޮތުގައި، ވިއްކައިފައިވާ ޑޮލަރުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ދިވެހި ރުފިޔާ އެކައުންޓްތަކުން ކާޑު މެދުވެރިކޮށް ކަސްޓަމަރުން ކޮށްފައިވާ މުއާމަލާތްތަކެވެ. އެ މުއާމަލާތްތައް ވަނީ، ޖުލައި 2021އިން 2023ގެ ޑިސެންބަރުގެ ނިޔަލަށް އަޅައިބަލާއިރު، ދެގުނައަށްވުރެ ބޮޑަށް އިތުރުވެފައި ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެގޮތުން އެ ދާއިރާއިން ޑޮލަރު ވިއްކި މިންވަރު 102 ޕަސެންޓް އިތުރުވި ކަމަށް ބީއެމްއެލްއިން ފާހަގަކުރިއެވެ.
ބީއެމްއެލްއިން ޑޮލަރު ވިއްކާފައިވާ އިތުރު ދާއިރާތަކާއި، އެ ދާއިރާތަކުން ފާއިތުވި 30 މަހު ޑޮލަރު ވިއްކި މިންވަރު އިތުރުވި ވަރަށް ބަލާއިރު:
° ޓީޓީއައި ރެމިޓަންސް ފޮނުވުމަށް: 126 މިލިއަން ޑޮލަރުގެ އިތުރުވުމެއް
° ތައުލީމާއި ބޭސްފަރުވާއަށް: 67 މިލިއަން ޑޮލަރުގެ އިތުރުވުމެއް
° ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް: 109 މިލިއަން ޑޮލަރުގެ އިތުރުވުމެއް
ބީއެމްއެލްއިން ވަނީ، މި އަހަރު މަހެއްގެ މައްޗަށް އެވަރެޖުކޮށް 80 މިލިއަން ޑޮލަރު ވިއްކަމުން އަންނަކަން ފާހަގަކޮށްފައެވެ. އަދި އެއީ 2021 ވަނަ އަހަރު އެ އަދަދު ހުރި މިންވަރު ކަމަށްވާ 21 މިލިއަން ޑޮލަރާ އަޅައިބަލާއިރު ހަތަރު ގުނަ އިތުރު އަދަދެއް ކަމަށް ބެންކުން ބުންޏެވެ.




