މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭ ކައިރިގައި ކަނޑުމަތީގައި ލޯންޗަކާއި މަސް ބޯޓެއް ޖެހި ހިނގި ބޮޑު އެކްސިޑެންޓަށް ފަހު މަޑުނުކޮށް ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ 48 ގަޑިއިރުވީއިރު އަދިވެސް އެ އުޅަނދު ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ”ލީޖަން 1“ ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް އަންނަނީ ތަހުގީގުކުރަމުންނެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
އެކްސިޑެންޓުގައި ހިމެނޭ އަނެއް އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް އެ އުޅަނދު ނުފެންނަ ކަމަށް ބުންޏަސް އެ އުޅަނދާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ.
އެނގިފައިވާ ގޮތުގައި އެ ލޯންޗުގައި ޖެހިފައިވަނީ އެ ސަރަހައްދުން އެވަގުތު ދަތުރުކުރި މަސް ބޯޓެކެވެ. ނަމަވެސް އެ ބޯޓުވަނީ އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލާފައެވެ.
މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.
އެ އެކްސިޑެންޓްގައި ޖުމްލަ ފަސް މީހަކަށް އަނިޔާވެގެން ފަރުވާދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބިދޭސީ ހަތަރު ފިރިހެނަކާއި ދިވެހި ފިރިހެނެކެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި އޭގެ ތެރެއިން ތިން މީހަކަށް އެޑްމިޓްކޮށްގެން ވޯޑުގައި ދަނީ ފަރުވާދެމުންނ ެވެ. އަދި އަނެއް ދެމީހުންނަށް ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ބުންޏެވެ.



