ޕީއެންސީން މިދިޔަ ހަފުތާގައި ބޭއްވި އެތެރޭގެ އިންތިހާބުގެ ވޯޓުގުނުން ކުރިއަށް ގެންދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި މުޅިއަކު ތިން މީހަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މި މައްސަލައިގައި އެންމެފަހުން ހައްޔަރުކުރީ އުމުރުން 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ މައްސަލައިގައި ކުރިން ވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
ކާމިލް ދީދީ ޕްރީ ސްކޫލުގައި ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮއްޓެއް ގުނަމުން ދަނިކޮށް ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ދެބަސްވެ، ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް ވަނީ އާއްމުވެފައެވެ.
އެ ވީޑިއޯއިން އެކަކު އަނެކަކާ ދިމާއަށް، އެ ތަނުގައި ހުރި ގޮނޑިތައް އުކާ މަންޒަރާއި، އިންޒާރުދޭ އަޑު އިވެ އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި އެތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފަ އެވެ.
އެ ވީޑިއޯ އާއްމުވުމާ އެކު ފުލުހުން ވަނީ ހުޅުމާލެ 2 ގެ ސްކޫލަށް ބަޔަކު ވަދެ އެ ސްކޫލަށާއި އެ ތަނުގެ މުދަލަށް ގެއްލުންދީ، މީހުންނާ މެދު މާރާމާރީ ހިންގި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.




