ޤަތަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމައިގައި، މިއަދު މެންދުރު 12:00އިން ފެށިގެން މާދަމާ މެންދުރު 12:00ގެ ނިޔަލަށް، (އެއް ދުވަސް ވަންދެން) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާއި، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ، ޤަޠަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމާއި، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރެއްވުގެ ގޮތުން ކަމުގައި ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ފަސްދާނުލާފައި ވަނީ އިއްޔެ، 12 ޖުލައި 2026 ގައި ރަސްމީ ޢިއްޒަތުގައެވެ. އަދި އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ޤަޠަރުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މުޢިއްޒު އެގައުމަށް މިއަދު ހެނދުނު ވަނީ ފުރާވަޑައިގަންނަވައިފައެވެ.
މިކަން އިޢުލާންކުރައްވާފައި ވަނީ، ރައީސް އޮފީހުން މިއަދު ނެރުއްވި 2026/14 ނަންބަރު ދެންނެވުމުގައެވެ.



